
މާޗާ ޓިރަމިސޫ އަކީ ގްރީން ޓީ ކަމުދާ މީހުންނަށް ކަމުދާނެ ފޮނިއެއްޗެކެވެ. ޓިރަމިސޫގެ ރަހަތަކާއި މާޗާގައި ހުންނަ ތަފާތު ރަހަ އެއްވުމުން މިއީ ވަރަށް މީރު ފޮނި އެއްޗެކެވެ.

އަހަރަމެން މި ރެސިޕީގައި ބޭނުންކޮށްފައި މިވަނީ، އަހަރަމެންގެ އެއް ބައިވެރިއެއް ކަމަށްވާ ސާރާ އިންޓަރނޭޝަނަލްގެ ފަރާތުން ލިބިފައިވާ، އިޓޯ އެން މާޗާ ޕައުޑަރއެވެ. މި މާޗާއަކީ އެންމެ މަތީ ކޮލިޓީ ކަމަށްވާ ސެރަމޯނިއަލް ގްރޭޑްގެ މާޗާއެވެ. އިޓޯ އެން މާޗާ އަކީ ޖަޕާންގެ ވެސް އެންމެ ރަނގަޅު ކޮލިޓީ މާޗާއެވެ. އެއީ މި ތައްޔާރުކޮށްފައި ވަނީ އެންމެ ރަނގަޅު ޅަ ސައިފަތުން ކަމަށް ވުމުންނެވެ. މި މާޗާގައި ހުންނަނީ ވަރަށް ރީތި ފެހި ކުލައެކެވެ.
އިޓޯ އެން މާޗާ ޕައުޑަރ ހޯދުމަށް ސާރާ އިންޓަރނޭޝަނަލް އަށް 7374481 އަށް ގުޅުއްވާށެވެ.

މި ރެސިޕީއިން ތައްޔާރުކުރެވޭނީ: 6.5 × 6.5 އިންޗި ޓްރޭއެކެވެ.
ބޭނުންވާ ތަކެތި:
މާޗާ ގިރުމަށް
1 މޭޒުމަތީ ސަމުސާ އިޓޯ އެން މާޗާ ޕައުޑަރ
1 ޖޯޑު ހޫނު ފެން
އެގް ކަސްޓަޑަށް
3 ބިހުގެ ގޮބޮޅި
¼ ޖޯޑު ހަކުރު
½ 1 ޖޯޑު ފެން
ޓިރަމިސޫ ކްރީމް ގަނޑަށް
250 ގްރާމް ކްރީމް ޗީޒް
½ ޖޯޑު ވިޕިންގް ކްރީމް
1 މޭޒުމަތީ ސަމުސާ ހަކުރު
½ ސައިސަމުސާ ވެނިލާ އެސެންސް
ރޭވުމަށް
13 ލޭޑީ ފިންގަރ ބިސްކޯދު
1 ސައިސަމުސާ އިޓޯ އެން މާޗާ ޕައުޑަރ
ހަދާނެ ގޮތް:
1. ފުރަތަމަ މާޗާ ތައްޔާރު ކުރާށެވެ. މިއީ ބިސްކޯދު ފޯ ކުރުމަށެވެ. 1 މޭޒުމަތީ ސަމުސާ އިޓޯ އެން މާޗާ ޕައުޑަރ އަދި 1 ޖޯޑު ހޫނު ފެން މެދު ސައިޒެއްގެ ބޯތަށްޓަކަށް އަޅާފައި ސަމުސަލަކުން ގިރާލާށެވެ. ދެން ކޮފީ ގިރާ ކަހަލަ ކުޑަ ކަރަންޓު ގިރާ އެއްޗަކުން 3 މިނެޓު ވަންދެން ނުވަތަ މައްޗަށް ފޮނު އަރަންދެން ގިރާލާށެވެ. އެއަށްފަހު އެއްފަރާތުގައި ބަހައްޓާލާށެވެ.
2. ދެން އެގް ކަސްޓަޑް ތައްޔާރުކުރުމަށް، 3 ބިހުގެ ގޮބޮޅިއާއި ¼ ޖޯޑު ހަކުރު ބިއްލޫރި ބޯތަށްޓަކަށް އަޅާލާށެވެ. ދެން އަތުން ގިރާކަހަލަ ކަރަންޓު މިކްސަރަކުން މަޑު ދުވެލީގައި 20 ސިކުންތު ވަންދެން ނުވަތަ ހަކުރާއި އެއްވެލަންދެން ގިރާލާށެވެ.
3. އެއަށްފަހު، ކުޑަ ތެއްޔަކަށް ½ 1 ޖޯޑު ފެން އަޅާފައި މަޑު ގިނީގައި 2 މިނެޓު ވަންދެން ނުވަތަ ފެނުން އާވި އަރަންދެން ހޫނުކޮށްލާށެވެ (ފެން ކެއްކުމަށް ބޭނުންކުރާ ތެލި، ބިސް އެއްކޮށްލި ބޯތަށްޓަށް ވުރެން ކުޑަ ވާންޖެހޭނެއެވެ. އޭރުން ތެލީގެ މަތީގައި ރީއްޗަށް އެ ތަށި ބައިންދާލެވޭނެއެވެ). ފެން ހޫނު ވެލުމުން ޑަބަލް ބޮއިލަރ އެއް ހެދުމަށް، ބިސްހުރި ބޯތަށި އޭގެ މަތީގައި ބައިންދާލާށެވެ.
4. ދެން އަތުން ގިރާ ކަރަންޓު މިކްސްރު ބޭނުންކޮށްގެން މަޑު ދުވެލީގައި 4 މިނެޓް ވަންދެން ނުވަތަ ކަސްޓަޑްހެން އޮލަވަންދެން ބިސް ގިރާށެވެ. މިހާރު ބިސް ކަސްޓަޑް ހުންނަން ވާނީ މަޑު ރީނދޫ ކުލައިގައެވެ. އަދި ގާތްގަނޑަކަށް ހުރިހާ ހަކުރެއް ހުންނާނީ ދިޔާވެ، ބިހާއި އެއް ވެފައެވެ.
5. ކަސްޓަޑް ބޯތަށި ނަގާފައި 250 ގްރާމް ކްރީމް ޗީޒް އެއަށް އަޅާލާށެވެ. ދެން އަތުން ގިރާ ކަރަންޓު މިކްސަރުން ކްރީމް ޗީޒް އާއި ކަސްޓަޑް 2 މިނެޓު ވަންދެން ނުވަތަ އޮމާން ވަންދެން އެއްކޮށްލާށެވެ. މިހާރު ކްރީމް ހުންނާނީ ގާތްގަނޑަކަށް ހުދު ކުލައިގައެވެ.
6. ދެން، އާ ބޯތަށްޓަކަށް، ½ ޖޯޑު ވިޕިންގް ކްރީމް އަޅާލުމަށްފަހު، އަތުން ގިރާ މިކްސަރުން މެދު ދުވެލީގައި 2 ނުވަތަ 4 މިނެޓު ވަންދެން ނުވަތަ "ސޮފްޓް ޕީކްސް" ހެދެންދެން ގިރާށެވެ (ސޮފްޓް ޕީކްސް ހެދުނުކަމަށް ބަލާނީ ގިރާއެތި ކްރީމްގަނޑުގެ ތެރެއިން ނަގާއިރު އޭގައި ކްރީމް ނިކަން ފަސޭހައިން ސޮއްސައިގެން ދާވަރަށް ހަރުވެފައި ހުންނަ ވަރު ވީމައެވެ).
7. އެއަށްފަހު، 1 މޭޒުމަތީ ސަމުސާ ހަކުރު އަޅާލުމަށްފަހު އިތުރު 1 މިނެޓު ވަންދެން ނުވަތަ "ސްޓިފް ޕީކްސް" ހެދެން ދެން ގިރާށެވެ (ސްޓިފް ޕީކްސް ހެދުނު ކަމަށް ބަލާނީ ގިރާއެތި ކްރީމް ގަނޑުގެ ތެރެއިން ނަގާއިރު އޭގައި ކްރީމްގެ ބައްޓަން ހިފެހެއްޓޭ ގޮތަށް ހަރުލާފައި ހުންނާނެ ވަރުވީމައެވެ).
8. ދެން ވިޕިންގް ކްރީމްކޮޅު ކްރީމް ޗީޒްއާއި ކަސްޓަޑް އެއްކުރި ތަށްޓަށް އަޅާލުމަށްފަހު، ސަމުސަލަކުން ދެ ކްރީމް ގާތްގަނޑަކަށް 1 މިނެޓު ވަންދެން މަޑުމަޑުން އެއްވަންދެން އެއްކޮށްލާށެވެ. އެއަށްފަހު، ½ ސައިސަމުސާ ވެނީލާ އެސެންސް އަޅާލުމަށްފަހު އިތުރު 30 ސިކުންތުވަނދެން ސަމުސަލުން އެއްކޮށްލާށެވެ. މިހާރު ޓިރަމިސޫ ކްރީމް މިހުރީ ތައްޔާރު ވެފައެވެ.
9. ދެން ގާތްގަނޑަކަށް 3 މޭޒުމަތީ ސަމުސާ ޓިރަމިސޫ ކްރީމް ފުން ތަބަކަކަށް އަޅާލުމަށްފަހު، ތަބަކުގެ ތިރި އެއްކޮށް ފޮރުވޭހެން ފަތުރާލާށެވެ. އަހަރުމެން ބޭނުންކުރީ 6.5 × 6.5 އިންޗީގެ ހަތަރެސްކަން ބިއްލޫރި ތަބަކެކެވެ.
10. އެއަށްފަހު، ކުރިން ތައްޔާރުކޮށްލި މާޗާ ބޭނުންކޮށްގެން ފަހަރަކު އެއް ލޭޑީ ފިންގަރ ބިސްކޯދު ފޯކޮށްލާށެވެ. ފޯކުރާއިރު ހަމަ މާޗާއަށް ފަހަރަކު އެއްފަޅި ލާފައި ވަގުތުން 1 ސިކުންތު ތެރޭގައި ނަގާށެވެ (މިހާރު މާޗާ ހުންނާނީ އެއްކޮށް ހިހޫ ވެފައެވެ). ބިސްކޯދުތައް ފޯކޮށްފައި ތަބަކުގެ ތިރީގައި ރީއްޗަށް އަތުރާށެވެ. ބިސްކޯދުތައް އެއްކޮށް މާޗާގެ ތެރެއަށް އެއްކޮށް ލައިފިނަމަ އަދި އެއް ސިކުންތަށް ވުރެން ގިނައިރު ފޯކޮށްފި ނަމަ މާބޮޑަށް ފޯވެ ޗަސްވެދާނެއެވެ. މިހެންކަމުން ފޯކުރާއިރު މިކަމަށް ސަމާލުވާށެވެ.
11. ތަބަކުގައި އެއް ފަށަލައިގެ ބިސްކޯދު އަތުރާ ނިމުމުން (އަހަރުމެން ބޭނުންކޮށްލީ ½ 6 ބިސްކޯދު)، އެއަށް ޓިރަމިސޫ ކްރީމްގެ އެއްބައި އަޅާލުމަށްފަހު އެއްވަރަށް ފަތުރާލާށެވެ. ދެން، މިހެން އަދި އެއްފަހަރު ފޯކޮށްފައި ހުރި ބިސްކޯދު ފަށަލައަކާއި ކްރީމް ފަށަލައެއް ހަދާލާށެވެ. އަތުރާ ނިމުމުން މިހާރު ހުންނަން ވާނީ 2 ބިސްކޯދު ފަށަލައާއި 2 ކްރީމް ފަށަލައެވެ.
12. ދެން ކުޑަ ފުރޭންޏެއް ބޭނުންކޮށްގެން 1 ސައިސަމުސާ އިޓޯ އެން މާޗާ ޕައުޑަރ ޓިރަމިސޫގެ މަތީބައި އެއްކޮށް ފޮރުވޭހެން، އޭގެ މައްޗަށް ބުރުވާލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2026. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.