މާރީ ބިސްކޯދުން އާންމުކޮށް ތައްޔާރު މިކުރާ ޗޮކްލެޓް ބިސްކަޓް ޕުޑިންގް ނުވަތަ ފަޖް ކާހިތްވާ މީހުންނަށް މިއީ ހަމަގައިމު ވެސް ވަރަށް ކަމުދާނެ އެއްޗެކެވެ. އެގޮތުން އަހަރުމެންގެ މި ބިސްކޯދު ކޭކު ތައްޔާރުކޮށްފައި މިވަނީ މާރީ ބިސްކޯދާއި، ޗޮކްލެޓް އަދި ހަކުރުލާފައި ހުރި އަލްމަންޑް އަޅައިގެންނެވެ. އަދި ކޭކު އެއްކޮށް ފުރިހަމަކޮށްލުމަށްޓަކައި ޗޮކްލެޓް ގަނާޝް ފަށަލައެއް ވެސް ކޭކުގެ މަތީގައި ހާކާލަމެވެ.
މި ބިސްކޯދު ކޭކު ހެދުމަށް އަހަރުމެން މިފަހަރު ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއްކަމަށްވާ ޕިރަމިޑްގެ ފަރާތުން ލިބިފައިވާ، ސީ.ބީ.އެލް މަންޗީ މާރީ ބިސްކަޓްއެވެ. އަދި މި ރެސިޕީގެ ޗޮކްލެޓް ބައިތަކަށް ބޭނުންކޮށްފައިވަނީ މިވަނީ ހަމަ ޕިރަމިޑްއިން ލިބިފައިވާ ރިޓްޒްބަރީ ޑާކް ކުކިންގް ޗޮކްލެޓެވެ. ސީ.ބީ.އެލް މަންޗީ މާރީ ބިސްކަޓް އަކީ އަހަރުމެންގެ ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު، ރަހަ މީރު ބިސްކޯދެކެވެ. އަދި ރިޓްޒްބަރީ ޑާކް ކުކިންގް ޗޮކްލެޓަކީ މި ބިސްކޯދާއި އެކީ ފޮނި ކާތަކެތީ ތައްޔާރުކުމަށް ވަރަށް ފުރިހަމަ ޗޮކްލެޓެކެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 5 ނުވަތަ 6 މީހުންނަށް ކެވޭވަރަށެވެ.
ބޭނުންވާ ތަކެތި:
ކޭންޑީޑް އަލްމަންޑް ހެދުމަށް
¼ ޖޯޑު ހަކުރު
2 މޭޒުމަތީ ސަމުސާ + 2 ސައިސަމުސާ ފެން
½ ޖޯޑު އަލްމަންޑް (މެދުން ފަޅިކޮށްފައި)
8/1 ސައިސަމުސާ ލޮނު
މާރީ ބިސްކޯދު ކޭކު ހެދުމަށް
200 ގްރާމް ސީ.ބީ.އެލް މަންޗީ މާރީ ބިސްކަޓް
¼ ޖޯޑު ހަކުރު
2 މޭޒުމަތީ ސަމުސާ + 2 ސައިސަމުސާ އަންސޯލްޓެޑް ބަޓަރު (25 ގްރާމް)
8/1 ސައިސަމުސާ ލޮނު
¼ ސައިސަމުސާ ވެނީލާ އެސެންސް
ޗޮކްލެޓް ގަނާޝް ހެދުމަށް
150 ގްރާމް ކުދިކޮށް ކޮށާފައި ހުރި ރިޓްޒްބަރީ ޑާކް ކުކިންގް ޗޮކްލެޓް
¾ ޖޯޑު ވިޕިންގް ކްރީމް
¼ ޖޯޑު ހަކުރު
ހަދާނެ ގޮތް:
1. ބޮޑު ބޯތަށްޓަކަށް 200 ގްރާމް ސީ.ބީ.އެލް މަންޗީ މާރީ ބިސްކަޓް އަޅާލުމަށް ފަހު، އަތުން ބިސްކޯދުތައް ފުނޑުކޮށްލާށެވެ. މިހެން ހަދާނީ ބިސްކޯދުކޮޅުތަކުގައި ގާތްގަނޑަކަށް ½ އިންޗި ހުންނަ ވަރަށެވެ.
2. ދެން ކޭންޑީޑް އަލްމަންޑްތައް ތައްޔާރުކުރުމަށް، ތަވަޔަކަށް ¼ ޖޯޑު ހަކުރާއި 2 މޭޒުމަތީ ސަމުސާ + 2 ސައިސަމުސާ ފެން އަޅާލާށެވެ. އަދި މެދު ގިނީގައި 1 މިނެޓު ވަންދެން ނުވަތަ ހަކުރުގަނޑުގައި މަދުމަދުން ބޮކިއަރާވަރަކަށް ކެކެންދެން ހަލަމުން ކައްކާލާށެވެ.
3. އުނދުނުގެ ގިނި މަޑުކޮށްލުމަށް ފަހު އެއަށް ½ ޖޯޑު މެދުން ފަޅިކޮށްފައި ހުރި އަލްމަންޑް އަޅާލާށެވެ. އެއަށް ފަހު، ހަލަމުން 4 ނުވަތަ 5 މިނެޓު ވަންދެން ނުވަތަ ހަކުރުކޮޅުގެ ފެން ހިނދި، އަލްމަންޑުތަކުގައި ހަރުވެލަންދެން ކައްކާލާށެވެ. އެއަށްފަހު 8/1 ސައިސަމުސާ ލޮނު އަލްމަންޑްތަކުގެ މައްޗަށް ބުރުވާލާށެވެ.
4. ދެން މިހެން މަޑު ގިނީގައި އިތުރު 5 މިނެޓު ވަންދެން ނުވަތަ ހަކުރު އަނެއްކާ ދިޔާވެލަންދެން ހަލަމުން ކައްކާށެވެ. މިހާރު ހަކުރުކޮޅަށް ހުންނާނީ ރަން މުށި ކުލައެއް އަރާފައެވެ.
5. އަލްމަންޑުތައް ކައްކާ ނިމުމުން އުނދުނުން ނެގުމަށް ފަހު 10 ނުވަތަ 15 މިނެޓު ވަންދެން ހިހޫކޮށްލާށެވެ.
6. ދެން އަލްމަންޑްތައް ކުދިކޮށް ކޮށާލުމަށް ފަހު، ކުރިން ކުދިކޮށްފައި ހުރި ބިސްކޯދު ތަށްޓަށް އަޅާލާށެވެ. އަދި ދެބައި އެއްކޮށްލުމަށް ފަހު އިހަށް ވަކިން ބަހައްޓާލާށެވެ.
7. އެއަށް ފަހު، ޗޮކްލެޓް ސޯސް ތައްޔާރުކުމަށް ތެއްޔަކަށް ¼ ޖޯޑު ހަކުރާއި 2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ އަޅާލުމަށް ފަހު އެއްކޮށްލާށެވެ. އަދި ¼ ޖޯޑު ކިރު އަޅާލުމަށް ފަހު ހުރިހާ އެއްޗެއް އެއްކޮށް ގިރަމުން، ގަދަ ގިނީގައި 30 ސިކުންތު ވަންދެން ކައްކާލާށެވެ. މިކަމަށް ވިސްކެއް ވެސް ބޭނުންކުރެވިދާނެއެވެ.
8. ދެން އުނދުނުގެ ގިނި މަޑުކޮށްލުމަށް ފަހު ތެއްޔަށް 2 މޭޒުމަތީ ސަމުސާ + 2 ސައިސަމުސާ (25 ގްރާމް) އަންސޯލްޓެޑް ބަޓަރު އަޅާލާށެވެ. އަދި 2 މިނެޓު ވަންދެން ނުވަތަ ބަޓަރު ދިޔާވަންދެން ހަލަމުން ކައްކާލާށެވެ. އެންމެ ފަހުން 8/1 ސައިސަމުސާ ލޮނާއި ¼ ސައިސަމުސާ ވެނީލާ އެސެންސް އަޅާލުމަށް ފަހު ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލާށެވެ. މިހާރު ސޯސްގަނޑު ހުންނަންވަނީ އޮމާންކޮށް އޮލަކޮށެވެ.
9. ދެން، ކުރިން އެއްކޮށްފައި ހުރި ބިސްކޯދާއި އަލްމަންޑްތައް ހުރި ތަށްޓަށް ޗޮކްލެޓް ސޯސް އަޅާލުމަށް ފަހު ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
10. އެއަށް ފަހު، 7 އިންޗީގެ ވަށް ތަބަކަކަށް އެއްކޮށްލި ބިސްކޯދުބައި އަޅާލާށެވެ. އަހަރުމެން މިބަޔަށް ބޭނުންކޮށްލީ ސްޕްރިންގް ފޯމް ތަބަކެކެވެ. އެއީ ކޭކު ތައްޔާރުކޮށް ނިމުމުން ތަބަކުން ނަގަން ފަސޭހަ ވާތީއެވެ.
11. ދެން ސަމުސަލަކުން ބިސްކޯދުތައް ތިރިއަށް ފައްތާލަމުން އެއްވަރުކޮށްލާށެވެ. މިހެން ހަދާއިރު، މަތި އެއްވަރަކަށް އޮމާން ވަންދެން ފައްތަން ވާނެއެވެ. ބިސްކޯދުބައި މިހެން އެއްވަރަށް ފައްތާލުމަށް ފަހު 30 މިނެޓު ވަންދެން އައިސްއަލަމާރިއަށްލާ ފިނިކޮށްލާށެވެ.
11. ދެން މިވަގުތުކޮޅުގެ ތެރޭގައި ކޭކުގެ މައްޗަށް އަޅާ ޗޮކްލެޓް ގަނާޝް ތައްޔާރުކޮށްލާށެވެ. މިކަމަށް ފުރަތަމަ 150 ގްރާމް ރިޓްޒްބަރީ ޑާކް ޗޮކްލެޓް ކުދިކޮށް ކޮށާލާށެވެ. އަދި ބޯތަށްޓަކަށް ކޮށާލި ޗޮކްލެޓް އަޅާލާށެވެ.
12. އެއަށް ފަހު، ކުޑަ ތެއްޔަކަށް ¾ ޖޯޑު ވިޕިންގް ކްރީމް އަޅާލުމަށް ފަހު 2 މިނެޓު ވަންދެން މަޑު ގިނީގައި ހޫނުކޮށްލާށެވެ. ހޫނުކޮށްލާނީ ކްރީމްގަނޑު ހޫނުވެ، އޭގެއިން އާވިއަރާ ވަރަށެވެ. ބޮކިއަރާ ވަރަކަށް ނޫނެވެ.
13. ދެން އުނދުނުގެ ގިނި ކުޑަކޮށް ގަދަކޮށްލުމަށް ފަހު އެއަށް ¼ ޖޯޑު ހަކުރު އަޅާލާށެވެ. އަދި 1 މިނެޓު ވަންދެން ނުވަތަ ހަކުރުކޮޅު އެއްކޮށް ދިޔާވެލަންދެން ހަލާލާށެވެ. ދެން އަނެއްކާވެސް އުނދުނުގެ ގިނި ގަދަކޮށްލުމަށް ފަހު ހަލަމުން އިތުރު 30 ސިކުންތު ވަންދެން ކައްކާލާށެވެ.
14. ދެން އުނދުނުން ތެލި ނެގުމަށް ފަހު، ކްރީމްގަނޑު ވަގުތުން ކޮށާލި ޗޮކްލެޓް ހުރި ތަށްޓަށް އަޅާލާށެވެ. އެއަށްފަހު 5 މިނެޓު ވަންދެން ނުވަތަ ހިހޫ ވެލަންދެން ވަކިން ބަހައްޓާލާށެވެ. މިހާރު ޗޮކްލެޓްކޮޅު ހުންނަން ވާނީ އެއްކޮށް ދިޔާވެފައެވެ. ދެން ވިސްކްއެއް ބޭނުންކޮށްގެން ކްރީމްއާއި ޗޮކްލެޓް ރަނގަޅަށް އެއްކޮށްލާށެވެ.
15. އެއަސް ފަހު، ކުރިން ފިނިކޮށްލަން ބެހެއްޓި މާރީ ބިސްކޯދު ކޭކު އައިސްއަލަމާރިން ނަގާލުމަށް ފަހު، އޭގެ މައްޗަށް ޗޮކްލެޓް ގަނާޝް އަޅާލާށެވެ. ގަނާޝްގަނޑު އެއްވަރަށް ހާކާލުމަށް ފަހު އިތުރު 30 މިނެޓު ވަންދެން އައިސްއަލަމާރިއަށްލާށެވެ.
16. ކޭކު ކަފާލުމުގެ ކުރިން ބޭނުންވާނަމަ ކުދިކޮށް ފުނޑުކޮށްފައި ހުރި މާރީ ބިސްކޯދާއި ހަކުރުލީ އަލްމަންޑްސް ކޭކުގެ މައްޗަށް އަޅާލާށެވެ. މިހާރު މާރީ ބިސްކޯދު ކޭކު މިހިރީ ކާލުމަށް ތައްޔާރުވެފައެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.