
މި ގެރިކިރު ބަނަހަކީ މަޑުމަޑު، މީރު ފޮނި ކިރު ރަހައެއްލާ ބަނަހެކެވެ. ސައިތަށްޓަކާއެކު ނޫނީ ކޮފީއަކާއެކު މި ބަނަސް ވަރަށް މީރުވާނެއެވެ.

އަހަރުމެން މި ރެސިޕީގައި ބޭނުންކުރީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ސްޓޭންޑަރޑް އެންޑް އޮރިޖިން (އެސް.އެންޑް.އޯ) ގެ ފަރާތުން ލިބިފައިވާ، އެމްބެސެޑަރ ކޮންޑެންސްޑް މިލްކެވެ. މި ގެރިކިރުގައި އެހާ ފޮނިގަދަ ނުވެފައި ކިރުރަހަ ހެޔޮވަރަށް ހުރުމުން ސަޔަށް ނޫނީ ކޮފީއަށް އަޅާލައިގެން ބޯލަން މީރުވާނެއެވެ.

މި ރެސިޕީއިން ތައްޔާރުކުރެވޭނީ: 9.5×5.5-އިންޗި ޓްރޭއެއް
ބޭނުންވާ ތަކެތި
ފުށްގަނޑު ތައްޔާރުކުރަން
½ ޖޯޑު ކުޑަކޮށް ހޫނުކޮށް ހުރި ފުލްކްރީމް ކިރު
¼ 1 އިންސްޓަންޓް ޔީސްޓް
1 މޭޒުމަތީ ސަމުސާ ހަކުރު
3 މޭޒުމަތީ ސަމުސާ އެމްބެސެޑަރ ކޮންޑެންސްޑް މިލްކް
1 ބިސް
290 ގްރާމް ފުށް
½ ސައިސަމުސާ ލޮނު
1 މޭޒުމަތީ ސަމުސާ ފިނިކަނޑުވާފައި ހުރި އަންސޯލްޓެޑް ބަޓަރު
1 ސައިސަމުސާ ފުށް (ފުށް މޮޑޭތަނުގައި ހާކާލަން)
½ ސައިސަމުސާ އޮލިވް އޮއިލް (ބޯތަށީގައި އުނގުޅަން)
1-2 ސައިސަމުސާ އޮލިވް އޮއިލް (ރޮށިދަމާ އެތީގައި އުނގުޅަން)
އެގް ވޮޝްއަށް
1 ބިސް
1 މޭޒުމަތީ ސަމުސާ ފުލްކްރީމް ކިރު
ގެރިކިރު ގްލޭޒްއަށް
1 މޭޒުމަތީ ސަމުސާ ފިނިކަނޑުވާފައި ހުރި އަންސޯލްޓެޑް ބަޓަރު
3 މޭޒުމަތީ ސަމުސާ އެމްބެސެޑަރ ކޮންޑެންސްޑް މިލްކް
ހަދާނެ ގޮތް:
1. ބޮޑު ބޯތަށްޓަކަށް ½ ޖޯޑު ކުޑަކޮށް ހޫނުކޮށް ހުރި ފުލްކްރީމް ކިރު، ¼ 1 ސައިސަމުސާ އިންސްޓަންޓް ޔީސްޓް، އަދި 1 މޭޒުމަތީ ސަމުސާ ހަކުރު އަޅާލާށެވެ. އުލަކުން ގިރާލާފައި 10 މިނެޓު ވަންދެން ނުވަތަ ފޮނު އަރަންދެން ބައިންދާލާށެވެ.
2. ދެން 3 މޭޒުމަތީ ސަމުސާ އެމްބެސެޑަރ ކޮންޑެންސްޑް މިލްކް އަދި 1 ބިސް އޭގެ ތެރެއަށް އަޅާލާށެވެ. އަނެއްކާވެސް އުލަކުން 1 މިނެޓު ވަންދެން ނުވަތަ އެއްވަންދެން ގިރާލާށެވެ.
3. އެއަށްފަހު، 290 ގްރާމް ފުށް އަދި ½ ސައިސަމުސާ ލޮނު އަޅާށެވެ. ސަމުސަލެއް ނުވަތަ އެކަހަލަ އެހެން އެއްޗެއް ބޭނުންކޮށްގެން ފުށްގަނޑަކަށް ވަންދެން ރަނގަޅަށް އެއްކޮށްލާށެވެ. ދެން 1 މޭޒުމަތީ ސަމުސާ ގަނޑު ފިލުވާފައި ހުރި އަންސޯލްޓެޑް ބަޓަރު އަޅާފައި 2-1 މިނެޓު ވަންދެން ނުވަތަ ފުށްގަނޑު އެއްވެފައި މަޑު، ތަތް ފުށްގަނޑަކަށް ވަންދެން އެއްކުރާށެވެ.
4. ފުށް މޮޑޭ ތަނުގެ މައްޗަށް 1 ސައިސަމުސާ ފުށް ބުރުއްސާލާފައި އޭގެ މަތީގައި ފުށްގަނޑު ބައިންދާށެވެ. ދެން އަތުން ފުށްގަނޑު 3 މިނެޓު ވަންދެން ނުވަތަ އޮމާންވަންދެން މޮޑޭށެވެ. މިހާރު ފުށްގަނޑު ހުންނަން ވާނީ ރޮށި ފުށްގަނޑަށްވުރެ މަޑުކޮށެވެ. (ފުށްގަނޑު ތައްޔާރު ވެފައި ވާނަމަ އިނގިލިން ފުށްގަނޑަށް އޮބާލާފައި އިނގިލި ނެގުމުން އަތުގައި ފުށް ތަތްލާފައެއް ނުހުންނާނެއެވެ. އަދި އަނބުރާ ކުރިން އިންގޮތަށް ފުށްގަނޑު ބަދަލުވެސް ވާނެއެވެ).
5. ބޮޑު ބޯތަށްޓެއްގެ ފުލާއި އަރިމަތި ތަކުގައި ½ ސައިސަމުސާ އޮލިވް އޮއިލް އުނގުޅާށެވެ. ދެން މޮޑުނު ފުށްގަނޑު ބޯތަށީގެ ތެރެއަށްލާފައި ބޯތަށީގެ މަތީގައި ސާފު ފޮތިގަނޑެއް އަޅާ މަތި އެއްކޮށް ފޮރުވާލާށެވެ. ދެން ހޫނު ނުނީ އަނދިރި (ނިއްވާފައި ހުރި އަވަނެއް ކަހަލަ) ތަނެއްގެ ތެރޭގައި އެއް ގަޑި އިރަށް ނުވަތަ ފުށްގަނޑު ދެގުނައަށް ބޮޑުވަންދެން ބައިންދާށެވެ.
6. ފުށްގަނޑު ދެގުނައަށް ބޮޑުވުމުން މަތީގައި އެޅި ފޮތިގަނޑު ނަގާފައި ފުށްގަނޑުގައި ހުރި ވައި ބޭރުކުރުމަށް ދެތިން ފަހަރަކު ފުށްގަނޑުގައި ގޮށްމުށުން ޖަހާލާށެވެ. ދެން ބޯތަށިން ނަގާފައި ފުށްގަނޑު ދަމާ ތަނުގެ މަތީގައި ބާއްވާށެވެ (ފުށްގަނޑު ބޭއްވުމުގެ ކުރިން ފުށްގަނޑު ދަމާތަނުގައާއި ރޮށިދަމާ އެތީގައި 2-1 ސައިސަމުސާ އޮލިވް އޮއިލް އުނގުޅާލާށެވެ). އަދި ފުށްގަނޑު އެއްވަރަށް 2 ބޯޅައަށް ބަހާލާށެވެ.
7. ދެން އަތުން ކޮންމެ ފުށްގުޅައެއް 6 އިންޗި 2 އިންޗިއަށް ދަމާލާށެވެ. ދެން ރޮށިދަމާއެތި ބޭނުން ކޮށްގެން 11 އިންޗި ދިގު އަދި 4.5 އިންޗި ފުޅާ މިނުގައި ހުންނާނެ ގޮތަށް ފުށްގަނޑު ދަމާލާށެވެ.
8. ދެން ގަޔާ އެންމެ ކައިރި ފަޅިން (11 އިންޗި ފަޅިން) ½ އިންޗި މަޅާލުމަށްފަހު އޮޅާލާށެވެ. މިހާރު އޮންނަންވާނީ ފޯއްޔެއް ގޮތަށެވެ. އަރިމަތިތައް ފިއްތާލާފައި ވަޅިއަކުން އެއްވަރަށް 7 އެތިކޮޅަށް ކަފާލާށެވެ. ދެވަނަ ފުށްގުޅައިންވެސް މިހެން ހަދާށެވެ.
9. އެއަށްފަހު، ޕާން ފިހާކަހަލަ 9.5×5.5-އިންޗި ޓްރޭއެއްގައި ބަޓަރުކޮޅެއް ހާކާލާށެވެ. ދެން ފުށްގަނޑުތައް ޓްރޭގެ ތެރޭގައި އަތުރާލާށެވެ. އަތުރާލާއިރު ކޮންމެ ފަޅިއަކުން ½ އިންޗިއެއްވަރު ތަބަކުގެ އަރިމައްޗާއި ފުށްގަނޑާއި ދެމެދު ދޫކޮށްލާފައި ބަހައްޓާލާށެވެ. މިއީ ފުށްގަނޑު ފުފުމަށް އަނެއްކާވެސް ޖާގަ ދޭންވެގެންނެވެ. ޓްރޭގެ މަތީގައި ސާފު ފޮތިކޮޅެއް އަޅާފައި އަނދިރި ތަނެއްގައި 45 މިނެޓު ބައިންދާށެވެ.
10. މިވަގުތުގައި އެގް ވޮޝް ތައްޔާރުކޮށްލާށެވެ. މިކަމަށް 1 ބިސް އަދި 1 މޭޒުމަތީ ސަމުސާ ފުލްކްރީމް ކިރު ކުޑަ ބޯތަށްޓަކަށް އަޅާފައި އުލަކުން ގިރާލާށެވެ. ދެން އަވަން 180 ޑިގްރީ ސެލްސިއަސްގައި10 މިނެޓު ވަންދެން ހޫނުކޮށްލާށެވެ.
11. ދެވަނަ ފަހަރަށް ފުށްގަނޑު ފުފި ނިމުމުން ފުށް ގުޅަ މަތީގައި ތައްޔާރުކުރި އެގް ވޮޝް ހާކާލާށެވެ. ދެން 180 ޑިގްރީ ސެލްސިއަސްގައި 22-20 މިނެޓުވަންދެން ބަނަސްތައް ފިހެލާށެވެ. ފިހެ ނިމުމުން ބަނަހުގެ މަތި ހުންނާނީ ރަން މުށި ކުލައެއްގައެވެ. އަދި މަތި ހަރުވެފައި އެތެރެ ހުންނާނީ މަޑުކޮށެވެ.
12. ދެން މައްޗަށް އަޅާ ގްލޭޒް ތައްޔާރު ކުރުމަށް 1 މޭޒުމަތީ ސަމުސާ ފިނި ކަނޑުވާފައި ހުރި އަންސޯލްޓެޑް ބަޓަރު ކުޑަ ތަވައެއްގައި މަޑު ގިނީގައި 45 ސިކުންތު ވަންދެން ދިޔާ ކޮށްލާށެވެ. ދެން 3 މޭޒުމަތީ ސަމުސާ އެމްބެސެޑަރ ކޮންޑެންސްޑް މިލްކް އަޅާފައި 2-1 މިނެޓަށް ކައްކާލާށެވެ. ކައްކަމުންދާއިރު ދިޔާވެފައި ހުރި ބަޓަރުކޮޅާއި ރަނގަޅަށް އެއްކޮށްލާށެވެ.
13. ބަނަސް ފިހެ ނިމުމުން ގްލޭޒް މައްޗަށް އަޅާފައި 10 ވަރަކަށް މިނެޓުވަންދެން ބައިންދާލާފައި ކާލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.