ލަޒާނިޔާއަކީ ހާއްސަ އެއްވުންތަކާއި، ރޭގަނޑުގެ ކެއުންތަކަށް ރައްޓެހިންނާއި އައިލާއާއި އެކީ ކާލަން ވަރަށް ކަމުދާ ކެއުމެކެވެ. މީގެ ކުރިން އަހަރުމެން ޓޫނާއާއި ގެރިމަހުގައި ލަޒާނިޔާ ތައްޔާރުކޮށްފައި ވާއިރު، މިފަހަރު މިއޮތީ ކުކުޅު ލަޒާނިޔާ ތައްޔާރު ކުރާނެގޮތުގެ ރެސިޕީއެވެ.
އަހަރުމެންގެ ލަޒާނިޔާގައި އޮރެންޖު ބެލް ޕެޕަރ ބޭނުންކޮށްފައި މިވަނީ، މި ބެލް ޕެޕަރ ފެހި އަދި ރީނދޫ ކުލައިގެ ބެލް ޕެޕަރއަށް ވުރެން ފޮނިވީމައެވެ. އަދި ރަތް ބެލް ޕެޕަރއަށް ވުރެން ކުޑަކޮށް ފޮނި މަޑުވީމައެވެ. ނަމަވެސް ބޭނުން ކުލައެއްގެ ބެލް ޕެޕަރ ބޭނުންކޮށްލެވިދާނެއެވެ. އަދި މި ރެސިޕީ ފަސޭހަކޮށްލުމަށް އަހަރުމެން ބޭނުންކޮށްފައި ވާނީ އަވަން ރެޑީ ލަޒާނިޔާ ޝީޓްއެވެ. ނަމަވެސް އާދައިގެ ލަޒާނިޔާ ޝީޓް ވެސް ފެނުކައްކައިގެން ބޭނުންކޮށްލެވިދާނެއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 5 ނުވަތަ 6 މީހުންނަށް ކެވޭވަރަށެވެ.
ބޭނުންވާ ތަކެތި:
ކުކުޅު ސޯސްގަނޑު ހެދުމަށް
½1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފިޔާ
6 ހިމުންކޮށް ކޮށާފައި ހުރި ލޮނުމެދު
3/1 ޖޯޑު ކުދިކޮށް ގޮޅިކޮށް ކޮށާފައި ހުރި އޮރެންޖު ބެލް ޕެޕަރ
300 ގްރާމް މިންސްޑް ކުކުޅު
½ ސައިސަމުސާ ތެޅި މިރުސް
¾ ސައިސަމުސާ ލޮނު
½ ސައިސަމުސާ މުގުރި އަސޭމިރުސް
½ ދަޅު ހޯލް ޕީލްޑް ޓޮމާޓޯ ސޯސްއާއި އެކީ (ގާތްގަނޑަކަށް 200 ގްރާމް)
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1 ސައިސަމުސާ މުގުރި ރާޅު މިރުސް
1 ސައިސަމުސާ ހިކި އޮރެގާނޯ
1 ސައިސަމުސާ ހަކުރު
¼ ސައިސަމުސާ ހިކި ރޯޒްމޭރީ
2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ޕާސްލީ ފަތް
ވައިޓް ސޯސް ހެދުމަށް
3 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ
3 މޭޒުމަތީ ސަމުސާ ފުށް
2 ޖޯޑު ފުލް ކްރީމް ކިރު
½ ސައިސަމުސާ މުގުރި ރާޅު މިރުސް
¼ ސައިސަމުސާ ލޮނު
¼ ސައިސަމުސާ މުގުރި އަސޭމިރުސް
ލަޒާންޔާގެ ފަށަލަތައް އެތުރުމަށް
5 ނުވަތަ 6 އަވަން ރެޑީ ލަޒާނިޔާ ޝީޓް (ފެނު ކައްކަން ނުޖެހޭ)
170 ގްރާމް ގާނާފައި ހުރި މޮޒަރެލާ ޗީޒް
50 ގްރާމް ގާނާފައި ހުރި ޗެޑަރ ޗީޒް
1 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ޕާސްލީ ފަތް
ހަދާނެގޮތް:
1. ތެއްޔެއް މެދު ގިނީގައި ހޫނުކޮށްލުމަށްފަހު، ½1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލްއާއި ½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފިޔާ، އަދި 6 ހިމުންކޮށް ކޮށާފައި ހުރި ލޮނުމެދު އަޅާލާށެވެ. ދެން 3 ނުވަތަ 4 މިނެޓު ވަންދެން ނުވަތަ ފިޔާކޮޅު މަޑުވެ ކުޑަކޮށް ރަތްވަންދެން ހަލަމުން ކައްކާލާށެވެ.
2. އެއަށްފަހު، 3/1 ޖޯޑު ކުދިކޮށް ގޮޅިކޮށް ކޮށާފައި ހުރި އޮރެންޖު ބެލް ޕެޕަރ އަޅާފައި އިތުރު 4 މިނެޓު ވަންދެން ނުވަތަ ބެލް ޕެޕަރކޮޅު މަޑުވަންދެން ކައްކާށެވެ.
3. ދެން، 300 ގްރާމް މިންސްޑް ކުކުޅު އަޅާލުމަށްފަހު 1 މިނެޓު ވަންދެން ހަލަމުން ކައްކާށެވެ. އެއަށްފަހު، ½ ސައިސަމުސާ ތެޅި މިރުހާއި، ¾ ސައިސަމުސާ ލޮނު، އަދި ½ ސައިސަމުސާ މުގުރި އަސޭމިރުސް އަޅާލާފައި އެއްކޮށްލާށެވެ. އަދި 3 މިނެޓު ވަންދެން ނުވަތަ ކުކުޅު ރޯފިލާފައި ހުދުކުލަ އަރަންދެން ކައްކާށެވެ.
4. ދެން ސޯސްއާއި އެކީ ½ ދަޅު ހޯލް ޕީލްޑް ޓޮމާޓޯއާއި 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް އަޅާލުމަށްފަހު ކުކުޅުކޮޅާއި އެއްކޮށްލާށެވެ. އެއަށްފަހު، 1 ސައިސަމުސާ މުގުރި ރާޅު މިރުހާއި، 1 ސައިސަމުސާ ހިކި އޮރެގާނޯ، 1 ސައިސަމުސާ ހަކުރު، އަދި ¼ ސައިސަމުސާ ހިކި ރޯޒްމޭރީ އަޅާލާފައި އިތުރު 2 މިނެޓު ވަންދެން ސޯސްގަނޑު ކައްކާށެވެ. ކައްކަމުންދާއިރު ގަނޑުކޮށް ހުންނަ ޓޮމާޓޯކޮޅުތައް ޗަސް ކޮށްލަމުން ކައްކާށެވެ. މިހާރު ސޯސްގަނޑުން ކުޑަކޮށް ބޮކިއަރަން ފައްޓާނެއެވެ.
5. އެންމެ ފަހުން 1 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ޕާސްލީ ފަތް އަޅާލުމަށްފަހު 1 މިނެޓަށް ކައްކާލާށެވެ. ސޯސްގަނޑު ކައްކާނިމޭއިރު ހުންނާނީ އޮލަކޮން، ގަދަ ރަތްކުލައެއްގައެވެ.
6. ދެން ވައިޓް ސޯސް ތައްޔާކުރުމަށް، އާ ތެއްޔަކަށް 3 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ އަޅާފައި މަޑުގިނީގައި ދިޔާކޮށްލާށެވެ (މިކަމަށް އަހަރުމެންނަށް ނެގީ ގާތްގަނޑަކަށް 1 ނުވަތަ 2 މިނެޓުއެވެ). ބަޓަރ ދިޔާވުމުން އެއަށް 3 މޭޒުމަތީ ސަމުސާ ފުށް އަޅާލުމަށްފަހު ދެތިން މިނެޓު ވަންދެން މެދު ގިނީގައި ބޮކި ޖަހަންދެން ހަލަމުން ކައްކާށެވެ. މިހާރު ފުށްކޮޅު ހުންނަން ވާނީ ޕޭސްޓްއެއްހެން އޮލަކޮށެވެ.
7. އެއަށްފަހު، މަދުމަދުން 2 ޖޯޑު ފުލް ކްރީމް ކިރު އަޅަމުން ދާށެވެ. އަދި ކިރު އަޅާވަރަކަށް ވިސްކްއެއް ބޭނުންކޮށްގެން ކިރާއި ފުށް އެއްކުރާށެވެ. މިހެން ހެދުމުން ސޯސްގަނޑުގައި ގުޅަ ނުހެދޭނެއެވެ. ދެން ގަދަ ގިނީގައި 4 ނުވަތަ 5 މިނެތު ވަންދެން ނުވަތަ ސޯސްގަނޑު އެއްކޮށް އޮމާންވެ، ސަމުސަލެއްގެ ބުޑުގައި ހަރުލާ ވަރަށް އޮލަވަންދެން ކައްކާށެވެ.
8. އެއަށްފަހު، ވަގުތުން އެއަށް ½ ސައިސަމުސާ މުގުރި ރާޅު މިރުހާއި، ¼ ސައިސަމުސާ ލޮނު، އަދި ¼ ސައިސަމުސާ މުގުރި އަސޭމިރުސް އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު އުދުން ނިވާލާށެވެ. މި ސޯސްގަނޑު ހިހޫ ވަމުންދާ ވަރަކަށް އިތުރަށް އޮލަވަމުން ދާނެއެވެ.
9. އަވަން 190 ޑިގްރީ ސެލްސިއަސްގައި 10 މިނެޓު ވަންދެން ހޫނުކުރާށެވެ.
10. ދެން ޖެހޭނީ ލަޒާނިޔާ އަތުރާށެވެ. އެންމެ ފުރަތަމަ 8×6 އިންޗީގެ ތަބަކެއް ނަގާށެވެ. ދެން އެއަށް 5 މޭޒުމަތީ ސަމުސާގެ ވައިޓް ސޯސް އަޅާފަ ތަބަކުގެ ފުލުގައި ސަމުސަލަކުން ފަތުރާލާށެވެ.
11. އެއަށްފަހު، 2 އަވަން ރެޑީ ލަޒާނިޔާ ޝީޓް ތަބަކުގެ ތެރޭގައި އަތުރާލާށެވެ (އަހަރުމެން ތަބަކުގެ އެތެރެ އެއްކޮށް ފޮރުވުމަށް ތިންވަނަ ޝީޓްއެއްގެ ބައެއް ބިންދާލުމަށްފަހު ބޭނުންކޮށްލީމެވެ).
12. ދެން ކުރިން ކެއްކި ކުކުޅުކޮޅުގެ ދެބައިކުޅަ އެއްބައި ލަޒާނިޔާ ޝީޓުތަކުގެ މައްޗަށް އަޅާފަ ސަމުސަލަކުން އެއްވަރުކޮށް ފަތުރާލާށެވެ. ހަމަ އެގޮތަށް ވައިޓް ސޯސްގެ ވެސް ދެބައިކުޅަ އެއްބައި ކުކުޅުކޮޅުގެ މައްޗަށް އަޅާލުމަށްފަހު ފަތުރާލާށެވެ. މިހެން ހަދާއިރު ލަޒާނިޔާ ޝީޓުތައް އެއްކޮށް ފޮރުވޭހެން ފަތުރާށެވެ. އޭރުން އެއްވަރަށް އަވަނުގައި ފިހާއިރު ކެކޭނެއެވެ.
13. ދެން އޭގެ މައްޗަށް ގާނާފައި ހުރި މޮޒަރެއްލާ ޗީޒްގެ އެއްބަޔާއި (85 ގްރާމް) އަދި 50 ގްރާމް ގާނާފައި ހުރި ޗެޑަރ ޗީޒްކޮޅު އެއްކޮށް އަޅާލާށެވެ.
14. ދެން ސްޓެޕް 11، 12، އަދި 13 ތަކުރާރު ކުރާށެވެ. އެކަމަކު މިފަހަރު ޗީޒް އަޅާއިރު އަޅަންޖެހޭނީ ހަމައެކަނި މޮޒަރެއްލާ ޗީޒް އެކަންޏެވެ. އަދި އޭގެ މައްޗަށް 1 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ޕާސްލީ ފަތް އަޅާލާށެވެ.
15. އަވަން ހޫނުވުމުން، އަވަނުގެ މެދު ރެކްއަށް ލަޒާނިޔާ ތަބައްލުމަށްފަހު 185 ޑިގްރީ ސެލްސިއަސްގައި 40 މިނެޓް ވަންދެން ނޫނީ ލަޒާނިޔާގެ މައްޗަށް ރަން މުށިކުލައެއް އަރަންދެން ފިހާށެވެ. ފިހެ ނިމުމުން ލަޒާނިޔާ ޝީޓުތައް އާންމުކޮށް ކައްކާ ޕާސްތާ ހުންނަ ވަރަށް މަޑުވެފައި ޗީޒްކޮޅު ދިޔާވާނެއެވެ.
16. ލަޒާނިޔާ އަވަނުން ނަގާލުމަށްފަހު 10 މިނެޓްވަދެން ނުކަފާ އެހަށް ހިހޫ ކޮށްލާށެވެ. އޭރުން ލަޒާނިޔާގެ ފަށަލަތައް ހުންނާނީ ސެޓްވެފައެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.